ވެރީން
December 31, 2008 Leave a comment
ވެރީންނޭ ބުނުމުން އެންމެ ފުރަތަމަ ކޮންމެ މީހެއްގެވެސް ހިތަށް އަރާނީ އެބަހުގެ ތެރެއަށްފެތޭނީ ނުވަތަ އެބަހުގެ ތެރެއަށް ވަންނަނީ ކޮންބައެއްބާވައެވެ؟. ފަންޑިތަވެރީންބާވައެވެ. ނުވަތަ އަތޮޅުވެރީންބާވައެވެ. ނޫންނަމަ ވިޔަފާރިވެރީން ބާވައެވެ؟ ނުވަތަ ގޭގެ ވެރީން ބާވައެވެ. ނޫންނަމަ މަސްއޫލިއްޔަތު އުފުލަން ޖެހިފައިވާ ކޮނެމެ މީހަކުވާނީ ވެރިއަކަށް ބާވައެވެ؟
މިސުއާލުތަކުގެ ޖަވާބު ހޯދުމަށް ދާންޖެހޭނީ ޢިލްމުވެރީންގެ ބަސްތަކަށެވެ. އަދި ޢިލްމުވެރީންގެ ބަސްތަކަށް ދިއުމުގެ ކުރީގައި ކީރިތި ޤުރުއާނުގައި އައިސްފައިވާ ވެރީންގެ މަޤްޞަދުވެސް ބަލަން އެބަޖެހެއެވެ.
ކީރިތި ޤުރުއާނުގައި ﷲ ޞުބުޙާނަހޫ ވަތަޢާލާ ވެރީންގެ ވާހަަކަ ބަޔާން ކޮށްފައިވަނީ ސީދާބަހުން ދެ އާޔަތެއްގައިއެވެ. އެއީ ސޫރަތުއް ނިސާގެ 59ވަނަ އާޔަތުގައްޔާއި ހަމަ އެސޫރަތުގެ 83ވަނަ އާޔަތުގައިއެވެ. ތަފްސީރުލް ޖަލާލައިންގައި އާޔަތުގައި އައިސްފައިވާ “އުލިލް އަމްރު” ގެ މާނަކޮށްފައިވަނީ: “އަޞްޙާބުލް އަމްރު”ގެ މާނައިގައިއެވެ. އޭގެ މާނައަކީ އަމުރުވެރީންނެވެ. ޔަޢުނީ އަމުރާއި ނުފޫޒުފޯރުވޭފަދަ ބާރު ލިބިފައިވާ މީހުންނަށެވެ. އޭގެ ތެރެއަށް ޢިލްމުވެރީންނާއި ވިޔަފާރިވެރީންނާއި ސިޙުރުވެރީންވެސް ވަންނާނެއެވެ. ނަމަވެސް ޢިލްމުވެރީންގެ އިޞްޠިލާޙުގައި “އުލިލް އަމްރު”ގެ މާނައަކީ ޢިލްމުވެރީންނާއި ރައްޔިތުންގެ ކަންތައްތަކާއި ޙަވާލުވެގެންތިބި އެކިއެކި ފެންވަރުގެ ވެރީންނެވެ. އެމީހުންގެ ތެރެއިން އެންމެ އިސްކޮށް ތިބެނީ ޢިލްމުވެރީންނާއި ޤައުމުތަކުގެ ނުވަތަ އުއްމަތްތަކުގެ ވެރީންނެވެ.
ޝައިޚުލް އިސްލާމް އިބްނި ތައިމިޔާއާއި އިމާމް އިބްނި ކަޘިރުފަދަ ބޮޑެތި ޢިލްމުވެރީން ވިދާޅުވަނީ “އުލިލް އަމްރު”ގެ ތެރެއަށް ވެރީންނާއި ޢިލްމުވެރީން ވަންނަކަމަށެވެ. އަދި ކީރިތި ޤުރުއާނުގައިވާ “އުލިލް އަމްރު” ގެ މުރާދަކީވެސް ޤައުމުތަކުގައި އިސްކޮށް ތިބޭ ވެރީންނާއި ޢިލްމުވެރީންނެވެ.
ކޮންމެއަކަސް، ވެރީންނަކީ އެބައިމީހުން އިސްލާޙް ވެއްޖެނަމަ އެތައް ބަޔަކު އިސްލާޙު ވެގެންދާނޭ ފަދަ ނުފޫޒްހުރިބައެކެވެ. އެބައިމީހުން ނުބައިވެއްޖެނަމަ އެއީ އެތައްބައެއްގެ ހަލާކެވެ. އެހެންވެ އިސްލާމްދީން ބާރުއަޅަނީ އެބައިމީހުންނަށް ހެޔޮދުޢާކުރުމަށެވެ. އެބައިމީހުން އިސްލާޙްވޭތޯ ސިއްރިޔާތުގައި މަސައްކަތްކުރާށެވެ. އެބައިމީހުންފަތިފުއްތައް މީސްތަކުންނަށް ހާމަނުކުރުމަށެވެ. އެހެނީ އެއީ ކިތެއްމެ ނުބައިބައެއްކަމުގައިވިއަސް އެބައިމީހުންގެ ނުބައިކަން އޮންނާނީ ވަކި ޚާއްސަބައެއްގެ މައްޗަށެވެ. އެކަމަކު އެބައިމީހުންގެ ފަރާތުން ލިބޭފައިދާ އެތައްގުނަޔަކަށް އިތުރުވާނެއެވެ. އެއީ އިމާމް ޙަސަނުލް ބަސަރީއާއި އަދިވެސް އެހެނިހެން ސަލަފުން ވިދާޅުވެފައިވާ ފަދައިން އެބައިމީހުން މެދުވެރިކޮށް ﷲ ބިންމަތީގައި ފަތުރައްވާ މީސްތަކުންނަށް ފައިދާކުރާ ކަންތައްތައް މާގިނަވާނެއެވެ. ﷲ ޤުރުއާނުން ނެތިނުކުރައްވާ އެތައްގިނަގުނަ ކަންތައްތަކެއް ވެރީން މެދުވެރި ކުރައްވައިގެން ކުރައްވައެވެ. އެކަމަށް އިޝާރާތް ކުރައްވައި ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާ ޙަދީޘް ކުރައްވަނީ:” إن الله يزع بالسلطان ما لا يزع بالقرآن” މާނައަކީ: “ޤުރުއާން މެދުވެރިކޮށްގެން ނުވާ އެތައް ކަމެއް ﷲ ވެރިޔާ މެދުވެރިކުރައްވައި ނިންމަވައެވެ”. އެހެންވެ އިމާމް އައްޠަޙާވީ “އަލްޢަޤީދާ އައްޠަޙާވިއްޔާ”ގައި ލިއުއްވާފައިވެއެވެ:”ނުބައިކަމަކަށް އަމުރު ނުކުރާހާ ހިނދަކު އެބައިމީހުންނަށް ކިޔަމަންވުން ވާނީﷲއަށްޓަކައި އަދާކުރާ ވާޖިބު ކިޔަމަންވުމެއް ކަމުގައިއެވެ